މިއީ ޤާނޫނު ނަންބަރު 14/2011 މެދުވެރިކޮށް އިޞްލާޙުކޮށްފައިވާ ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 84 ވަނަ މާއްދާގެ ދަށުން ނެރެފައިވާ ރޫލިންގއެކެވެ. އެހެންގޮތަކަށް ބަޔާންކޮށްފައިވާ ޙާލަތެއްގައި މެނުވީ، ރޫލިންގއަށް ޙަވާލާދީފައިވާ ތަންތަނުގައި ޙަވާލާދީފައި އެ ވަނީ ޓެކްސް ރޫލިންގ TR-2013/B25 (ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގެ 4 ގެ ތަރަހަ) އަށެވެ. ޓެކްސް ދައްކާ ފަރާތްތަކުން މި ރޫލިންގ އަށް ތަބާވުމަށް ޤާނޫނީގޮތުން ލާޒިމުކުރެއެވެ.
ތަޢާރަފު
1. މި ރޫލިންގގެ މަޤްޞަދަކީ ޓެކްސް ރޫލިންގ TR-2013/B25 ގެ 5 ވަނަ ޕެރެގްރާފްގެ ގޮތުގައި އައު ޕެރެގްރާފެއް އިތުރުކުރުމެވެ.
ރޫލިންގ
2. ރޫލިންގގެ 4 ވަނަ ޕެރެގްރާފްގެ ފަހަތަށް އަންނަނިވި ޕެރެގްރާފް އިތުރުކޮށް، އޭގެ ފަހަތަށް ހުރި ޕެރެގްރާފްތައް ތަރުތީބުކުރުން:
5. (ހ) މި ރޫލިންގގެ 4 ވަނަ ޕެރެގްރާފްގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ޓޫރިސްޓް އެސްޓެބްލިޝްމަންޓަކުން، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ އޮންލައިން ޓްރެވަލް އޭޖެންސީތައް ހިންގާ ފަރާތަކަށް ދައްކާ ނުވަތަ ދައްކަންޖެހޭ ކޮމިޝަނުން ވިތްހޯލްޑިންގ ޓެކްސް ދައްކަން ޖެހޭނީ، އޮންލައިން ޓްރެވަލް އޭޖެންސީއަށް އެ ފައިސާ ދެއްކީ ނުވަތަ ދައްކަންޖެހެނީ ޓޫރިސްޓް އެސްޓެބްލިޝްމަންޓުން ކަމުގައިވާނަމައެވެ.
(ށ) މި ޕެރެގްރާފްގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ޓޫރިސްޓް އެސްޓެބްލިޝްމަންޓުން އޮންލައިން ޓްރެވަލް އޭޖެންސީއަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގެ އިންތިޒާމް އެ ދެ ފަރާތުގެ ދެމެދުގައި ވަކިގޮތަކަށް ހަމަޖައްސުމުގެ އެއް މަޤްޞަދަކީ ވިތްހޯލްޑިންގ ޓެކްސް ދެއްކުމުގެ ޒިންމާއިން އެއްކިބާވުން ނުވަތަ ދައްކަންޖެހޭ ޓެކްސްގެ މިންވަރު މަދުކުރުން ކަމުގައިވާނަމަ އެ މުޢާމަލާތުން، އެ މިންވަރަށް ވިތްހޯލްޑިންގ ޓެކްސް ދައްކަން ޓޫރިސްޓް އެސްޓެބްލިޝްމަންޓަށް އެންގުމުގެ އިޚްތިޔާރު މީރާއަށް ލިބިގެންވެއެވެ.
ޢަމަލުކުރަން ފެށުން
3. މި ރޫލިންގ އަށް ޢަމަލުކުރަން ފަށާނީ 1 ޑިސެންބަރު 2017 އިން ފެށިގެންނެވެ.